ކޯޓު އަމުރެެއްގެ ދަށުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ އަންހެނުން، ހިދާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ސައުވީސް“ އަށް މަޢުލޫމާތު ދެމުން މިއަދު ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަންގެ ދެ އޮފިސަރަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކޯޓުގެ އަމުރެއްގެ ދަށުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝަމްއާންގެ އާއިލާގެ މެންބަރެެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ޝަމްއާންގެ އާއިލާގެ ކޮންމެންބަރެއްގެ ފޯނެއްކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް ”ސައުވީސް“ އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ހިފަހައްޓާފައި ވަނީ ޝަމްއާންގެ އަނބިމީހާގެ ފޯނެވެ.



