ރާއްޖޭގެ ފުރަތަމަ އުފެއްދި ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ މަގާމުތަކުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އުދެއްދެވި އެ ބޭންކަކީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓްކޮށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދެވި ބޭންކެކެވެ.
ޑީބީއެމްގެ އެމްޑީ އަދި ސީއީއޯ ކަމުގެ މަގާމުން ނޮއެލް އިސްތިއުފާ ދެއްވާފައިވާތީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އޭނާގެ އިސްތިއުފާ ޤަބޫލު ކޮށްފައެވެ.
ޕީސީބީން އެކަމާ ގުޅިގެން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެ މަގާމުތަކުން އޭނާ އިސްތިއުފާ ދެއްވިނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.



