މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ދެންމެ ބުނީ މާފުށީ ޖަލުގައި ޙުކުމްތަންފީޛު ކުރަމުން ދިޔަ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) މިއަދު ނިޔާވެފައިވާ ކަމަށެވެ.
އޭނާ ފެނިފައި ވަނީ މިއަދު ހަވީރު 4:20 ހާއިރު ގޮޅީގައި ދަންޖެހިފައި ހުއްޓާ ކަމަށް އެމްސީއެސް އިން ބުނެފައި ވެއެވެ. އެހެންކަމުން ފަރުވާދިނުމަށ ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރާ ހަވާލާދީ އެމްސީއެސް އިން ބުނެފައި ވެއެވެ.
އިބްރާހިމް ޝަމްވީލް ނިޔާވުމާ ގުޅިގެން އެމްސީއެސް އިން ވަނީ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައި ކަމަށް އެމްސީއެސް އިން ބުނެފައި ވެއެވެ.
އިބްރާހިމް ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.



