ކުރިއަށްއޮތް ތަނުގައި ޓީބީގެ ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުވެ ވަޑައިގަންނަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ޓީބީ ދުވަހުގެ މި އަހަރުގެ ޝިޢާރަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ޓީބީ ނައްތާލުމަށް ކަނޑައަޅާ ޢަޒުމުގައި ދިވެހިރާއްޖެއިންވެސް ބައިވެރިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން ކުރިއަށްއޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމުގައްޔާއި، ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުވެވަޑައިގަންނަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ޓީބީ ހުއްޓުވުމާއި، ބައްޔަށް ސްކްރީން ކުރުމާއި، ބަލި ޑައަގްނޯޒްކޮށް ފަރުވާދިނުން، ރާއްޖޭގެ އަސާސީ ޞިއްޙީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، އެ ބައްޔަށް ލިބޭ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމު ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ މި އަހަރު، ލޭޓެންޓް ކޭސްތަކަށް، ޓިއުބަކުލޯކިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީ.ޕީ.ޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށެވެ.
މުސްތަޤުބަލުގެ ޖީލުތަކަށް، ޓީބީ އިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމަށް އެކުގައި މަސައްކަތްކުރުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 އިންސައްތައަށް އިތުރުކުރުމުގެ އަމާޒާއި، އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 އިންސައްތައަށް އިތުރުކުރުމުގެ އަމާޒަށް ވާޞިލުވެފައިވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމުކަމުގައި، 1998 ވަނަ އަހަރުއްސުރެ ރާއްޖެ ހިމެނިފައިވުމުން ދައްކުވައިދެނީ، ދިވެހިރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި، ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރީން މިކަމަށް ދެއްވާ އަހަންމިއްޔަތުކަން ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.


