ށ. މިލަންދޫގައި އިމާރާތް ކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވީ، އެމްޓީސީސީ އާއި މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރެވުނީ ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއް ގާއިމް ކުރުމަށް ކަމަށެވެ. އެގޮތުން އެމްޓީސީސީއަކީ ވަރަށް އިތުބާރު ކުރައްވާ މުއައްސަސާއެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ޖާގައިގެ އިތުރުން ކުލާސްރޫމާއި ޖަލްސާކުރާ ހޯލެއްވެސް ހިމެނޭނެއެވެ. މީގެ އިތުރުން ސަރުކާރުން އަލަށް ތަރައްޤީ ކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމްކުރާނެއެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މެނޭޖިން ޑައިރެކްޓަރ ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.



