އއ. ރަސްދޫގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިން ސަލާމަތް ކުރެވިދާނެކަމުގެ އުންމީދު ކަނޑާލައިފި ކަމުގައި ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 11:30 ހާއިރު އެވެ. ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވިއިރު އެ ދެމަފިރިން ތިބީ ނިދާފައެވެ. އަދި ރޯވެފައިވަނީ އެމީހުން ނިދާ ކޮޓަރީގައި ކަމަަށް ވެސް މައުލޫމާތު ލިބުނެވެ.
އަލިފާނުގެ މި ހާދިސާގައި އަންހެންމީހާގެ ގައިން %90 އާއި ފިރިހެންމީހާގެ ގައިންވެސް ބޮޑު ބައެއް ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ދެމަފިރިންގެ ހާލު ވެސް ސީރިއަސް ކަމަށާއި ފަރުވާއަށް އެމީހުން އެމަޖެންސީގައި މާލެ ގެނެސްފައިވާއިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ތައްޔާރުވަމުން ގެންދިޔަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ދެމަފިރިންވެސް އެހާ ބޮޑަށް ފިހިފައި އޮތުމުން ފުރާނަ ސަލާމަތް ކުރުމަކީ ނާދިރުކަމެއް ކަމަށާއި ހުރިހާ ފަންކްޝަންތަކެއް ވެސް މިހާރު ދަށަށްދާކަމަށް ވެސް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެއެވެ.
މިހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަދި އެ ދެމަފިރިން ނިދާ ކޮޓަރި ނޫންތަނަކަށް ގެއްލުމެއް ލިބިފައިނުވާކަން ވެސް ފާހަގަ ކުރެވިފައިވެއެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރައްވަމުންނެވެ.




