ތިނަދޫ ސިޓީއާއި ގއ. ވިލިނގިލި އީދަށް ދިއްލާލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނީ ހުވަދުއަތޮޅު އުތުރުބުރިއާއި، އެ އަތޮޅުދެކުނުބުރީގެ ބައެއް ރަށްތައް ދިއްލުމަށް ކުރަންޖެހޭ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެ ކުލަސްޓަރ އިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން އެ ކުލަސްޓަރ ހިންގުމާއި ޙަވާލުވެހުންނެވި އެގްޒެކެޓިވް އަދި ސްޓޭޓް މިނިސްޓަރ ޠާޙާ ނަޢީމް ވިދާޅުވީ އެ ކުލަސްޓަރގައި ހިމެނޭ ތިނަދޫ ސިޓީގައި ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް އަދި އެހާމެ ފޯރީގައި ކުރިއަށްދާ ކަމަށެވެ.
ހަމައެހެންމެ ގއ. އަތޮޅު ބެލެހެއްޓުމާއި ޙަވާލުހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޠަޤިއްޔު އިބްރާހީމް ވިދާޅުވީ ވިލިނގިލި ދިއްލުމުގެ މަސައްކަތް ވެސް ވަރަށް ފޯރިއާއެކު ފެށިގެން ކުރިއަށްދާ ކަމަށެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނީ މި އަހަރު އަލަށް ދިއްލަން ހަމަޖެހުނު ގއ. ދާންދޫއާއި، ގއ. ގެމަނަފުށްޓާއި، ގދ. ގައްދޫއާއި އަދި ގދ. މަޑަވެއްޔަށް ލައިޓްތައް ފޮނުވުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
”އުންމީދުކުރެވެނީ ލަސްވެގެން މިއަދުގެ ވަގުތެއްގައި އެ ރަށްތަކަށް ވެސް ލައިޓްތައް ލިބޭނެ ކަމަށް“ އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އަތޮޅުތެރޭގެ ރަށްރަށާއި، ސިޓީތައް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.


