ސިޔާސީ ވާދަވެރިކަމުގައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަމުންދާ ކަމަށާއި އެއީ ކީރިތި ޤުރުއާން ދަސްކޮށްދޭ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޙާފިޡުން ދަސްވެނިވުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ތެރޭގައި އަބުރަށް އަރައިގަތުމާއި ނެތިމޮށުންފަދަ ނުބައި ޢަމަލުތައް އިތުރުވެފައިވާ ކަމަށާއި އެއީ ކީރިތި ޤުރުއާނުގައި ދުރުހެލިވުމަށް އެންމެ ބޮޑަށް ބާރުއަޅާ ކަންކަންކަމަށެވެ.
”އަޅުގަނޑުމެންގެ އެކަކު އަނެކަކަށް އަބުރަށް އަރައިގަންނަނީ، ދެބައޮޑުވަނީ، ނެތިމޮށެނީ، ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތްކަމެއް ނެތް. އިސްލާމްދީނުގައި، ކީރިތި ޤުރުއާނުގައި މަނާކޮށްފައިވާ އެކަންކަމާ ދުރަށްދާން އަންގަވާފައިވާ ހުރިހާކަމެއް ސައްތަންއިންސައްތަ މިޤައުމުގައި ކުރޭ. މިއީ ދެކޮޅު ޖެހޭކަމެއްތޯ؟ މިކަމަށް ވިސްނުމުން ކޮންޖަވާބެއްތޯ ދެވޭނީ؟“ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ.
މީގެއިތުރުން ސިޔާސީ ވާދަވެރިކަމުގައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަމުންދާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއީ ކީރިތި ޤުރުއާން ދަސްކޮށްދޭ ކަމެއް ނޫންކަމަށެވެ. ކޮންމެ މީހަކީވެސް ޤުރުއާނުގައި އަންގަވާފައިވާގޮތަށް އަމަލުތައް ބައްތަންކުރާ މީހަކަށް ވާންޖެހޭކަމށާއި، ޤުރުއާނަށް އަމަލުކޮށްގެން މެނުވީ ގެއްލިފައިވާ އިންސާނީ ކަރާމާތް އަނބުރާ ނުހޯދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އަތާ ދުލުގެ ނުބައިކަމުން ސަލާމަތްވެފައިތޯ ބަލަންޖެހޭކަމަށާއި، އެކަން ކޮށްފިނަމަ މުޖުތަމައު ރަނގަޅުވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކޮންމެ މީހަކީވެސް ކަރާމަތެއް ލިބިގެންވާ މީހެއްކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.



