ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފައްޓަވައި ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު މިއަދު މެންދުރު 1:00 ގައި އޮންނާނެއެވެ.
އެ އެޕިސޯޑު ރައީސް އޮފީހުގެ ވެބްސައިޓުންނާއި މީސް މީޑިއާ މަންސަތަކުން ދައްކާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓަކީ، ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން އަދި ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަށް ރައީސް މުޢިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތުގެ ދަށުން ކުރިއަަށް ގެންދަވާ ޕޮޑްކާސްޓެކެވެ.
އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން ”ރައްޔިތުންގެ އަޑު“ ޕޯޓަލް އާއި ”އަހާ ފޯރަމް“ ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ މި ޕޮޑްކާސްޓް ހޯސްޓުކުރައްވާނީ ކުރީގެ ޓީވީ ޝޯތަކުން ފެނިގެންގޮސްފައިވާ ގިނަބައެއްގެ މެދުގައި މަގުބޫލު ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.




