މާލޭގައި ”އީދު ހަވީރު 1446“ ގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ ބޮޑު ހަވީރުގެ ތައްޔާރީތަކަށް މާދަމާއިން ފެށިގެން ސަލްޓަން ޕާކު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ކޮންސްޓަރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ ފިޠުރު ޢީދުގެ މުނާސަބަތުގައި ސަރުކާރުން އިންތިޒާމުކުރާ ”ޢީދު ހަވީރު 1446“ ގެ ތައްޔާރީތަކަށްޓަކައި ސަލްޓަން ޕާކު ވަގުތީގޮތުން އާންމުންނަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ޕާކު ބަންދުކުރަން ނިންމާފައި ވަނީ 2025 މާރިޗު 28 ވަނަ ދުވަހުން ފެށިގެން ފިޠުރު ޢީދު ދުވަހާއި ހަމައަށް ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރެއެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ ފިޠުރު ޢީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ ޢީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން އެދުވަހު ހަވީރު މާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަދި މި ހަރަކާތް އޮންނާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާނާއި އަދި ރަސްމީ ބޮޑުފާލަން ހިމެނޭހެން އެކަމަށް ތައްޔާރު ކޮށްފައިވާ ބޮޑު ސަރަހައްދެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.



