ތައިލެންޑާ މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މި ދަނީ ޙާލަތު ވަރަށް ކައިރިން ބަލަމުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޚަލީލް މިހެން ވިދާޅުވީ މިޔަންމާއާއި ތައިލެންޑަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ބެންކޮކްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ އެ ކަމާއި ގުޅިގެންނެވެ.
މިކަމަށް އިޝާރާތްކުރައްވާ އެކްސްގައި ޚަލީލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މި ގެންދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
”ތައިލޭންޑްގައި ތިއްބެވި ކަމަށް މިހާހިސާބަށް ފާހަގަކުރެވުނު ހުރިހާ ދިވެހިންގެ ޙާލު ރަނގަޅު. މިޔަންމާގައި ދިވެއްސަކު ހުންނެވިކަމަށް އަދި މަޢުލޫމާތު ލިބިފައެއް ނެތް“ ޚަލީލްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓަރު ޚަލީލް ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން އެއްވެސް އެހީތެރިކަމަކަށް ބޭނުންވާނަމަ ރިޕޯޓުކުރަންވީ ދެ ނަންބަރު ހިއްސާކުރައްވާފައެވެ.
އެ ދެ ނަންބަރަކީ ތައިލޭންޑް އެންބަސީ: +66611766502 ޚާރިޖީ ވުޒާރާ: +9607983400އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމަކާ ގުޅިގެން، ތައިލަންޑާ ހަމައަަށް ވަނީ ލޮޅުން އަރާފައެވެ. މި ބިންހެލުމާ ގުޅިގެން ތައިލެންޑުގެ ބޮޑު ވަޒީރު ވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.
މި ބިންހެލުންތަކުގެ ސަަބަބުން، ތައިލެންޑްގެ ބެންކޮކްގައި އިމާރާތް ކުރަމުންދިޔަ އުސް އިމާރާތެއް ވެއްޓި 43 މީހަކު ވަނީ އެ އިމާރާތުގެ ދަށުވެފައެވެ.



