ތައިލޭންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ތައިލޭންޑަށް ހިލޭ ގުޅޭނެ އިންތިޒާމު ހަަމަޖައްސައިދީފިއެވެ.
ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.
”މިއަދު ތައިލޭންޑް އަށް އައި ބިންހެލުމާއި ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ވަނީ ހަމަޖެހިފައި“ އުރީދޫ މޯލްޑިވްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
އުރީދޫ އިން ބުނީ މި ވަގުތުގައި އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މިއަދުގެ ވަގުތެއްގައި މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމަކާ ގުޅިގެން، ތައިލަންޑާ ހަމައަަށް ވަނީ ލޮޅުން އަރާފައެވެ. އަދި ތައިލެންޑްގެ ބެންކޮކްގައި އިމާރާތް ކުރަމުންދިޔަ އުސް އިމާރާތެއް ވެއްޓި 43 މީހަކު ވަނީ އެ އިމާރާތުގެ ދަށުވެފައެވެ.
ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަ ޤައުމަކަށްވާތީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް މިއަދު ވަނީ، އެ ޤައުމުގައި ދިރިއުޅޭ ދިވެހީންގެ ހާލު ބަލާފައެވެ. އެ މިނިސްޓްރީން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ޤައުމުގައި ދިރިއުޅޭ ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.




