ހުޅުމާލޭގައި ސަރުކާރުން އަލަށް ހަދާ ތެލެސީމިއާ ސެންޓަރު ”އޮރެންޖް ހިޔާ“ ނިންމުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އިއްޔެ ކުރިއަށްގެންދިޔަ ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ އޮރެންޖް ހިޔާގެ މަސައްކަތުގެ ބޮޑު ބައެއް އަދިވެސް ނުނިމޭތީ އާއެކު އަދި ކޮންޓްރެކްޓް ވެސް ހަމަވާތީ މާދަމާއިން ފެށިގެން އެ ތަން ނިންމުމުގެ މަސައްކަތް، ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
މިކަމަށް އިޝާރާތްކޮށް އެމްއެންޑީއެފް އިން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މިއީ އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސްއާ އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިގޮތުން އެމްއެންޑީއެފް އިން ބުނީ އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްއިން ކުރަމުންދާ އިރު، މަސައްކަތުގެ އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިން ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ އެ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައި ކަމަށެވެ.
މި މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.




