މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:00 ގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މީލާދީ ގޮތުން މާރިޗު މަހުގެ 31ވާ ހޯމަދުވަސް ކަމުގައި ބެލެވެއެވެ.
އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބެލުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު، މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހެކިބަސްދިނުމުގެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސާފައިވެއެވެ.
ޑީޖޭއޭއިން ބުނެފައިވާ ގޮތުގައި ޝައްވާލްމަހުގެ ހަނދު ދުށް ފަރާތްތަކުން ހެކިބަސް އަދާކުރުމަށާއި، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށުކައުންސިލް އަދި އަތޮޅުކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.
މާލޭގައި ހަނދުފެންނަ ފަރާތްތަކުން ހެކިބަސް އަދާކުރާނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި، އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓުކޯޓްގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަަށް ޑީޖޭއޭ އިން ބުނެފައިވެއެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް އަދާކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.




