އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްތް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މަސްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާއަކަށްފަހު، މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ގެއަށް ދަނިކޮށް މަންދީއާއި އެ ޕާޓީގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ މުޙައްމަދު ލަމްއާންގެ ގަޔަށް ބަޔަކު ކަަޅުތެޔޮ ޖެހި ކަމަށްބުނެ، މަންދީގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
މަންދީ ބުނި ގޮތުގައި މާސްކް އަޅައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގެ އައިސް އޭނާގެ ގަޔަށް ކަޅު ތެޔޮ ޖެހީ ރޭގެ މުޒާހަރާ ނިންމާލުމަށް ފަހު ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭ ކަލާފާނުހިނގުމުން ސައިކަލެއްގައި ދިޔަ މީހެއްގެ ގަޔަށް، އެހެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ގއ. ދާންދޫ ސަލްޓަން ވިލާ / އަހްމަދު ރިޝްމާހް (20އ.) އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 27ވަނަ ދުވަހު ގައި ވެސް ފުލުހުން ވިދާޅުވިއެވެ.
ރިޝްމާހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކުރިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




