ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހައި ފުލުހުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.
ރައީސް މުޢިއްޒުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ޤައުމީ ޚިދުމަތުގައި، ރެޔާދުވާލު، ދިވެހި ފުލުހުން ޒިންމާދާރުކަމާއިއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ދިވެހި އެންމެހައި ފުލުހުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް އެމަނިކުފާނު ދަންނަވާފައިވެއެވެ.
މި ސަރުކާރުން ދަނީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދައުރުގެ މިވީ ދުވަސްކޮޅުތެރޭގައި މިހާތަނަށް ގާތްގަނޑަކަށް 28 ޕޮލިސް ޕޯސްޓް ވަނީ ހުޅުވާފައެވެ. އަދި މި ހިނގާ މާރިޗު މަހުގެ 27 ވަނަ ދުވަހުވެސް ވަނީ ފުލުހުންގެ މަރުކަޒު ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މިހާރު ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން އެމް.ޓީ.ސީ.ސީން 21 ރަށެއްގައި، އާރު.ޑީ.ސީ.އިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރެވިގެންދާނެއެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، އެ އިދާރާއަށް ބޭނުންވާ ފަންނީ އަދި ތަޢުލީމީ އަދި ވަޞީލަތްތައް އިތުރުކުރުމުގެ ގިނަ މަސައްކަތްތައް މިހާތަނަށް ކުރައްވާފައިވެއެވެ.
ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.




