އިސްލާމީ ބައެއް ޤައުމުތަކުން ނިންމި ގޮތުގައި މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 31 ވާ ހޯމަ ދުވަހެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި ވެސް ޢީދު ދުވަހަށް ވަނީ އަންނަ ހޯމަ ދުވަހެވެ. ނަމަވެސް މާދަމާއަަކީ ފިޠުރު ޢީދު ދުވަސްތޯ ނުވަތަ ނޫންތޯ ރަސްމީކޮށް އިއުލާނު ކުރާނީ، ހަނދުބެލުމުގެ ރަސްމިއްޔާތަށް އިސްލާމިކް މިނިސްޓްރީން މިރޭ 8:00 ގައި ބާއްވާ ޖަލްސާގައެވެ. ސައުދީ އަރަބިއްޔާއިން ހަނދާ ގުޅޭ ގޮތުން ގޮތެއް ނިންމަނީ ވެސް އެގަޑީގައެވެ.
ސައުދީގެ ސުދައިރު އެބްޒަވެޓަރީގައި މިހާރު ގެންދަނީ ހަނދު ފެނޭތޯ ބަލަމުންނެވެ. އެގޮތުން އެ އޮބްޒަވެޓަރީގެ އެންމެ އިސް ފަލަކީ އިލްމުވެރިޔާ އަބްދުﷲ އަލް-ހުދައިރީ، ޓެލެސްކޯޕަކުން ޖައްވަށް ބައްލަވަމުން ގެންދަވާ ފޮޓޯތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ފިޠުރު ޢީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި މިހާތަނަށް ކަނޑައެޅި ބައެއް ޤައުމުތަކަކީ:
° ބުރްނާއީ
° މެލޭޝިއާ
° އިންޑޮނޭޝިއާ
މީގެއިތުރުން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނަށް ވެސް ޢީދު ދުވަސް ކަމުގައި ވަނީ ހޯމަ ދުވަހެވެ.
މާދަމާއަކީ ފިޠުރު ޢީދު ދުވަހަށް ވެދާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ ޢިލްމުވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ކުރިން ލަފާ ކުރައްވާފައެވެ.
ނަމަވެސް މިއަދު އެމަނިކުފާނު ވެސް ވިދާޅުވީ، ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއިހަނދު އޮއްސެނީ އެއްވަގުތެއްގައި ކަމަށާއި އެއީ 18:14 ގައި ކަމަށެވެ.
”ވީމާ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެ. އަދި މާދަމާވާނީ ރަމަޟާން ތިރީހަށް“ ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އިސްލާމީ އެހެން ޤައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ ޢީދަށް ކަމުގައި ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.



