މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދުއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައިގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް އެއްކޮށް، ގިނަ ބައެއްގެ ބަޔާން ނަގައިފިއެވެ.
ޝަމްޢާންއާއި އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅޭގޮތުން ފުލުހުން ބަލަމުން ގެންދަނީ ނަހަމަ ގޮތުގައި ބިދޭސީންތަކެއްގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައެކެވެ.
މި މައްސަލައިގައި މިމަހުގެ 21 ވަނަ ދުވަހު ޝަމްޢާން ހައްޔަރުކޮށް، 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.
ޝަމްޢާންއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ އެންމެ ފަހުގެ އަދާހަމައާ ގުޅޭ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ 12 ވަނަ ދުވަހު ބިދޭސީންގެ ހަތް މީހަކު ޑިޓެއިންކޮށް އިމިގްރޭޝަންއިން ރެއިޑް ހިންގީ އެކަމާ ނުވެސް ގުޅޭ އިމިގްރޭޝަންގެ ޑިޕާޓްމެންޓެއްގެ ތިން މުވައްޒަފުން ކަމަށެވެ.
އެ ބިދޭސީންނަކީ ގަވައިދާ އެއް ގޮތަށް ވެސް އުޅެމުންދިޔަ ބަޔަކަށްވާ އިރު އޭގެ ތެރެއިން އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުނެވެ.
އަދި ފައިސާ ފެނުނު މީހާ ދޫކޮށްލީ ޝަމްއާން އަންގައިގެން ކަމަށް ފުލުހުން ބުނާއިރު އޭނާގެ އަތުން ފެނުނު ފައިސާ ވެސް ފަހުން އެ ބިދޭސީ މީހާއަށް އަނބުރާ ދިންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަަށް ފާހަގަކޮށްފައިވާ ކަންކަން:
° ބިދޭސީ މީހާ ދޫކޮށްލުމުން އޭނާ އެންމެ ފުރަތަމަ ދިޔައީ ހަވާލުވި ސްޕޮންސަރާއެކު ސައިކަލުގައި. ނަމަވެސް ވަކި ހިސާބަކުން އިމިގްރޭޝަންގެ އޮފިސަރަކާއެކު އެ އިދާރަގެ ވެހިކަލަށް އެރި
° މާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ ވެހިކަލް ދުއްވުމަށް ފަހު ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ގެންގޮސްދިން
° އިމިގްރޭޝަންގެ އޮފިސަރަކު އެ އިދާރާގެ ވެހިކަލުން ފައިސާކޮތަޅު ނަގައި ސައިކަލެއްގައި ގޮސް ޝަމްއާންގެ ގެއަށްދިޔަ
° ސީސީޓީވީ ފުޓޭޖުން ފެންނަގޮތުން އިމިގްޜޭޝަން އޮފިސަރު ޝަމްއާންގެ ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައިވޭ
ފުލުހުން ބުނީ އެ މައްސަަލައިގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެއްކޮށް ގިނަ ބަޔަކާ ސުވާލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.




