ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުތައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުންކަމުހައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަޚްވަންތަކަން ދިރުވައި، ޞަދަޤާތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް ޢީދުގެ މަޤުޞަދުތަކުގެތެރޭގައި ހިމެނޭކަމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ކޮންމެ މީހަކުވެސް، ޚާއްޞަކޮށް، ރަމަޟާންމަހު އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން، ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރަންޖެހޭ. އަދި ޢީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް ދަންނަވަން. ހަމައެއާއެކު ސަރުކާރުންވެސް މަސައްކަތްކުރައްވާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށް“ ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައިވެސް ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ރޭގައި އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ދުވަހާގުޅޭ ޝުޢޫރުފާޅުކުރައްވައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައިވެސް އެމަނިކުފާނުވަނީ ރޯދައިގެ މަތިވެރި އަޅުކަން ޤަބޫލުކުރެއްވުން އެދި ހެޔޮ ދުޢާ ތަކުރާރު ކުރައްވައި، ފިޠުރު ޢީދުގެ ތަހްނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.




