ހުޅުމާލޭ އަޒީޒާ މިސްކިތުގައި، މިއަދުގެ ޢީދު ނަމާދު ކުރުމަށް ހާޒިރު ނުވި ދެ އިމާމަކާމެދު އިސްލާމިކް މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު ހުޅުމާލޭ އަޒީޒާ މިސްކިތުގައި ޢީދު ނަމާދު ކުރަން ފަށާފައިވަނީވެސް 7 މިނެޓު ފަހުންނެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތް ވެސް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުޞޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށެވެ.
އަދި އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީ، އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ކަމާބެހޭ ޔުނިޓަށް އަންގާފައިވާނެ ކަމަށެވެ.




