ދިވެހިންގެ އެހީގައި ޣައްޒާގެ ކުދިންނަށް އީދު ހެދުން ފޯރުކޮށްދީފިއެވެ.
ރާއްޖޭގައި އެހީ ދެމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ”ޚިދުމަތް“ ޖަމިއްޔާއިން ބުނީ ދިވެހި ރާއްޖޭގައި މިއަދު ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރާއިރު އިސްލާމީ ބައެއް ގައުމުތަކަށް ދިވެހިންގެ ފަރާތުން އީދު ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ޣައްޒާއަށްވެސް މިއަދުމީ ފިތުރު އީދު ދުވަސްކަމަށާއި މި ނިމުނު ރަމަޟާން މަހުގައި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދިޔަ ”ގިފްޓް ވިތް ސްމައިލް“ ގެ ފަންޑަށް ދިވެހި ރައްޔިތުންގެ ފަރާތުން ވެދިން އެހީގައި މިއަދު އެ ގައުމުގެ ތުއްތު ކުދިންނަށް އީދު ހެދުން ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މީގެ އިތުރުން ޚިދުމަތް ޖަމިއްޔާއިން ބުނީ ކޮންމެ އަހަރެއްގެ ފިތުރު އީދުގައި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ އީދު ހަދިޔާ ކެންޕޭނު މި އަހަރު ޣައްޒާގެ އިތުރުން އަފްޣާނިސްތާން ، ސޫރިޔާ، ބަންގްލަދޭޝްގެ ރޮހިންގްޔާ ކޭމްޕަށްވެސް ހިންގާފައިވާ ކަމަށެވެ.
ޚިދުމަތް ޖަމިއްޔާ އިން ބުނީ އެ ޖަމިއްޔާއާ އުކުޅަސް ހޯޕްގެ ފަރާތުން ދިވެހިންނަށް ވެސް މިއަދު އީދު ހަދިޔާ ބަހަން ހަަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނަ ކުޑަކުދިންގެ ހަވީރުގައި 1000 ގިފްޓް ޕެކް ބެހުމަށް ހަމަޖެހިފައިވާ ކަމަށާއި ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހާ އަވަށެއްގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި އިސް ރަށްވެހިންނަށް ބެހުމަށް ހަމަޖެހިފައިވާ ޙާއްޞަ އީދު ހަދިޔާއެއްވެސް މިއަދު ބަހަން ފަށާފައިވާ ކަމަށެވެ.
ޚިދުމަތް ޖަމިއްޔާއިން ވަނީ މި ފަދަ ހުރިހާ ޕްރޮގްރާމެއް ކާމިޔާބު ކަމާއެކީ ކުރިއަށް މި ގެންދެވެނީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.



