ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ތިނަދޫ ސިޓީގައި ފަށައިފިއެވެ.
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރްއިން ބުނީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ފުޅާކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ އަތޮޅުގައި އައިޑީ ކާޑުގެ ޚިދުމަތް ދެމުންދާނީ އަތޮޅު ކައުންސިލުން ކަމަށް ޑީއެންއާރުން ހާމަކުރެެއެވެ. ޑީއެންއާރުން ބުނީ އެ ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އަތޮޅުގެ އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
އެހެންކަމުން ޑީއެންއާރުން ބުނީ އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށެވެ.
މާލެ ނޫން އެހެން ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ފުރަތަމަ ފަހަރަށް ހެދީ 19 ސެޕްޓެމްބަރު 2024 ގައި ގއ. ވިލިނގިލީގައެވެ. އޭގެ ކުރިން އައިޑީ ކާޑު ޕްރިންޓް ކުރަމުން ދިޔައީ ހަމައެކަނި މާލޭގައި ޑީއެންއާރުގެ އޮފީހުގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މިގޮތުން މިހާރު މާލޭން ބޭރުން އަތޮޅުތަކުގެ 14 ސަރަހައްދެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދަނީ ދެމުންނެވެ.




