ފިހާރައަކުން 10 ފުޅި ކޮފީ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގދ. ގައްދޫ އަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.
އެ މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާ ފިހާރައަކުން 10 ފުޅި ކޮފީ ވަގަށް ނަގާފައިވާ ކަމަށެވެ.
އެ މީހާ އަކީ ދާއިމީކޮށް ހަކުރު ބައްޔަށް ބޭސްކާ މީހެއް ކަމަށާއި ހައްޔަރުކުރި ފަހުން ބޭސް ނުލިބޭ ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
މީގެ އިތުރުން އޭނާއަކީ ބަންދުގެ 40 ރެކޯޑް އޮތް މީހެއް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން މުޖުތަމައުގެ ސަލާމަތަށްޓަކައި ކޯޓުން ވަނީ 7 ދުވަހަށް އޭނާ ބަންދު ކުރުމަށް ހުކުމްކޮށްފައެވެ.



