ފުލުހުންގެ މަސައްކަތްތަކަށް ގެންނަ ބަދަލުތަކާއެކު، ކޯޓުގައި ސާބިތުވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު އިތުރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އާންމު މައްސަލަތަކުގެ ތެރެއިން، މަސްތުވާތަކެތީގެ މައްސަލަތަކަކީ އެންމެ ބޮޑު އެއް މައްސަލައެވެ.
މިކަމާ ބެހޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ 2023ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޑްރަގް އެންފޯސްމަންޓުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިދިޔަ އަހަރު ބަލައި ފާސްކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން 2023ވަނަ އަހަރު 9300 އެއްހާ މީހުން ބަލައި ފާސްކުރިއިރު، މިދިޔަ އަހަރު 12،000 އަށްވުރެ ގިނަ މީހުން ބަލައި ފާސްކޮށްފައިވާކަމަށް ސީޕީ ނާއިފް ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތީގެ އަދަދުވެސް މިދިޔަ އަހަރުވަނީ އިތުރުވެފައެވެ.
އެގޮތުން، 2023ވަނަ އަހަރު 123 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، މިދިޔަ އަހަރު 654 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ނާއިފް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ކާމިޔާބީ ބިނާވަނީ ކޯޓުތަކުގައި ކުރިއަށްދާ މައްސަލަތަކަށްކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތުގެ ތެރެއިން %95 މައްސަލަ ސާބިތުވާކަމަށް ހުކުމްކޮށްފައިވާ ކަމަށެވެ. މިއީ 2023ވަނަ އަހަރާ އަޅާބަލާއިރު 20%ގެ ކުރިއެރުމެކެވެ. ކޯޓުގައި ކުރިއަށްދިޔަ މައްސަލަތައް ސާބިތުކުރެވިފައިވަނީ ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރެވިފައިވާގޮތަށް ގެނައި ބަދަލުތަކާއެކުގައި ކަމަށްވެސް ނާއިފް ވިދާޅުވިއެވެ.




