ގެދޮރުވެރިޔާ ސްކީމްގެ ދަށުން އާންމުކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ދެންމެ ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އާންމުކޮށްފައިވާ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން މި ފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލުން އެހީތެރިވާނެ ކަމަށް ބުނެފައި ވެއެވެ.
އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި މިއަދުން ފެށިގެން އޭޕްރީލް 5 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށް އެ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވެއެވެ.
މިގޮތުން އެ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 ހިދުމަތް ދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ނަމަވެސް އަންނަ މަހުގެ 6 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް އެ ހިދުމަތްދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ކަމަށް މާލެ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.
ފްލެޓް ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން އަންނައިރު އެ ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު، ކަންބޮޑުވުންތައް ހުރެއްޖެ ނަމަ އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަައެވެ.



