މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭއްވި ހަރަކާތްތަށް، އިންތިޒާމު ކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު ދަންނަ7ވައިފިއެވެ.
ފިޠުރު ޢީދު ދުވަހާއި އިއްޔެ ވެސް ބޭއްވި މި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އަދި މިއަދުވެސް މި ހަރަކާތް އޮންނާނެ ކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މާލޭގެ ސަލްޓަން ޕާކު ސަރަހައްދާއި ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި މި ހަރަކާތްތަކުގައި ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
މިނހަރަކާތުގެ ކާމިޔާބީއާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވަނީ، މި ހަރަކާތް އިންތިޒާމު ކުރި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
އެގޮތުން އެމަނިކުފާނު ޝުކުރު ދެންނެވީ، އިސްލާމިކް މިނިސްޓްރީއާއި، ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް، އެސްޓީއޯ، އެމްޓީސީސީ، ދިވެހިބަހާއި ތަރިކައާބެހޭ މިނިސްޓްރީ، މިނިސްޓްރީ އޮފް ސްޕޯޓްސް، އެމްޑަބްލިޔުއެސްސީ، އެމްއޭސީއެލް، ވެމްކޯ، ސްޓެލްކޯ، އެމްޕީއެލް، އާރްޑީސީ، އެޗްޑީސީ އަދި ދައުލަތުގެ މީޑިއާ އަށެވެ.
އެމަނިކުފާނު ޕޯސްޓު ކުރެއްވި މެސެޖުގައި ވިދާޅުވީ، މި ހަރަކާތް ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައްކޮށް، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.




