ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި އާންމުފަރާތްތަކުން ސޮއިކުރަން ފަށައިފިއެވެ.
އެ ޕެޓިޝަންގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ބޮޑު މުސާރައާއި، ކޮމިޓީ އެލަވަންސްއާއި، ޕްރީމިއަމް ހެލްތު އިންޝުއަރެންސްގެ އިނާޔަތްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މާލީ ބުރަ ބޮޑުވެފައިވާ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ މަޖިލިސް މެންބަރުންނަށް ދޭ އާމްދަނީ ދަށް ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.
އެހެންކަމުން އެ ޕެޓިޝަންގައި ވަނީ މެންބަރުންގެ މުސާރަ ކުޑަކޮށް ކޮމިޓީ އެލަވަންސް އުނިކޮށް މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް މިހާރު ދޭ ޚާއްސަ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާފައެވެ.
އަދި ކުރިން މެންބަރުކަން ކުރި ފަރާތްތަކަށް ދޭ އެލަވަންސް ކަނޑާލުމަށްވެސް އެ ޕެޓީޝަނުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މަޖިލިސް މެންބަރުންނަށް ކޮންމެ 3 މަހަކުން ލިބޭ ޗުއްޓީ އާއި މަޖިލިސް ކުރާ ގެއިން ލިބޭ ހިލޭ ކެއިންބުއިމާއި މެންބަރުކަމުން ވަކިކުވުމުން ލިބޭ އިނާޔަތްތަކާ އަޅާބަލާއިރު މެންބަރުން ކުރާ ގާނޫނީ މަސައްކަތުގެ ފެންވަރު އިންތިހާއަށް ދަށް ކަމަށްވެސް އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.



