މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތައްކެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ މިއަދަކީ އެ ކުންފުނިން ދިވެހި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަތާާާ ކާމިޔާބު 30 އަހަރު ފުރުނު ދުވަސް ކަމަށެވެ.
އެހެންކަމުން އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތައްކެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި ހަރަކާތްތަކުގެ ތެރޭގައި، ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމް ހިމެނޭ ކަމަށެވެ.
އަދި ގަސްއިންދުމުގެ ޕްރޮގްރާމާއި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތައް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައި ވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އޭރު ކުންފުނި ހިންގަމުން އައީ ޑެންމާކްގެ މެނޭޖްމެންޓް ޓީމަކުން ކަމުގައިވީ ނަމަވެސް، މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ، %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ.
އެ ކުންފުނި އުފެދިގެން އައި އިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، މިއަދު ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދާ 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ޤާބިލްކަން އެ ކުންފުނިން ހޯދާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
މިއަދު އެމްޑަބްލިއުއެސްސީން އަންނަނީ މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީ އަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ހާމަކޮޮށްފައި ވެއެވެ.
މިއީ ގާތްގަޑަކަށް ދިވެހިރާއްޖޭގެ އާބާދީގެ 50%އެވެ. އަދި ރ.ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ.




