މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެ ކުންފުނީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އަހަރީ ދުވަސް ފާހަގަކުރުމަށް މި އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމާއި ގަސްއިންދުމުގެ ޕްރޮގްރާމާއި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައި ވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެ ކުންފުނި އުފެދިގެން އައި އިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، މިއަދު ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދާ 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ޤާބިލްކަން އެ ކުންފުނިން ހޯދާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން މިއަދު ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން މިއަދު މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.




