ޤައުމީ ސަލަމާތާއި ގުޅޭ މަޝްރޫޢުތަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫޢުތައް ހިންގުމާއި ގުޅޭ އުސޫލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.
ރައީސް މި ބަދަލު ގެންނަވާފައިވަނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު އެކަށައެޅި އެމަނިކުފާނުގެ ޤަރާރަށް ގެންނެވި އިސްލާހުގައެވެ.
އެ ޤަރާރުގައިވާ ގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ވަނީ ރާއްވަވާފައެވެ. އަދި ކްރޮސް ސަބްސިޑީ އުސޫލުން އެ މަޝްރޫޢުތަކަށް އިސްވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލައްވާފައެވެ.
އެގޮތުން އެ މަޝްރޫޢުތަކަށް މަދުވެގެން 15 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭކަމަށް އެ ޤަރާރުގައި އެއިރުވަނީ ކަނޑައަޅުއްވާފައެވެ.
ނަމަވެސް އެ ޤަރާރަށް އިސްލާހު ގެންނަވައި، ޤައުމީ ސަލާމަތާއި ގުޅޭ މަޝްރޫޢުތަކަށް އިންވެސްޓްކުރަންޖެހޭ އަދަދު މިހާރު ވަނީ ބޮޑުކުރައްވާފައެވެެ.
ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައެޅި ޤަރާރަށް އެންމެފަހުން ގެންނެވި އިސްލާހުގައިވާ ގޮތުން ކްރޮސް ސަބްސިޑީ އުސޫލުން ޤައުމީ ސަލާމަތާއި ގުޅުންހުރި މަޝްރޫއުތަކަށް މަދުވެގެން އިންވެސްޓްކުރަންޖެހޭ އަދަދު 15 މިލިއަން ޑޮލަރުން މިހާރުވަނީ 100 މިލިއަން ޑޮލަރަށް ބޮޑުކުރައްވާފައެވެ.




