ފ. ނިލަންދޫގެ ނަރުދަމާ ނިޒާމަށް އެކި މައްސަލަތައް ދިމާވާތީ އެ ނިޒާމު އަޕްގްރޭޑްކޮށް، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަ މެއި މަހު ފެށޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނިލަންދޫގެ ނަރުދަމާ ނިޒާމު މައްސަލަޖެހި އޭގެ ސަބަބުން ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހައްލުކޮށްދެއްވުމަށް އެދި އެރަށު ރައްޔިތަކު ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ކޮށްފައެވެ.
އެ ޕޯސްޓަށް ޖަވާބުދެއްވަމުން ފެން ކުންފުނީގެ އެމްޑީ މަތީން ވިދާޅުވީ ނިލަންދޫގެ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ މެއި މަހު ފެށޭނެ ކަމަަށެވެ.
ފަނަރަ އަހަރު ދުވަހަށް އަމާޒު ކޮށްގެން ނިލަންދޫގައި ނަރުދަމާ ނިޒާމެއް ތަރައްޤީ ކޮށްފައިވަނީ މީގެ 18 އަހަރު ކުރިންނެވެ. އެހެންކަމުން އެ ނިޒާމަށް މިހާރު ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީން ވަނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ.



