ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރުމަށް ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑް މިއަދު މެންދުރު ގެނެސްދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ އެކު ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑް މިއަދު މެންދުރު 1:00 ޖަހާއިރު ޕީއެސްއެމް ނިއުސް އިން ގެނެސްދޭނެއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއީ ރައްޔިތުންނާއި ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓެއް ކަމަށެވެ.
ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، މި ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ.
އެގޮތުން ”ރައްޔިތުންގެ އަޑު“ ޕޯޓަލް އާއި ”އަހާ ފޯރަމް“ ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ރައީސް މުޢިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.



