އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ޒަރޫރީ އެކި ބާވަތްތަކުގެ ތަކެއްޗަށް މިހާރު ކަނޑައަޅާފައިވާ ކޯޓާ އިތުރުކުރުމަށް އެޤައުމުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ބުނެފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެ ގައުމުން ރާއްޖެއަށް އެކްސްޕޯޓް ކުރަމުން އަންނަ ޒަރޫރީ އެކި ބާވަތްތަކުގެ މުދަލަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމުގެ ތެރެއިން މި އަހަރާއި އަންނަ އަހަރަށް ކަނޑައެޅިފައިވާ ކޯޓާގެ އަދަދު އިތުރުކުރެވިފައިވާ ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ. އެގޮތުން މިއީ 1981 ވަނަ އަހަރުން ފެށިގެން އަމަލުކުރެވެމުން އަންނަ އެއްބަސްވުމުގެ ދަށުން ކޯޓާގެ އަދަދު އެންމެ ބޮޑަށް އިތުރުކުރެވުނު ފަހަރު ކަމުގައި ފާހަގަކުރި އެވެ.
ކޯޓާ އިތުރުކުރި ބާވަތްތައް:
ބިސް – 448،913،750
އަލުވި – 22،589 މެޓްރިކް ޓަނު
ފިޔާ – 37،537 މެޓްރިކް ޓަނު
ހަނޑޫ – 130،429 މެޓްރިކް ޓަނު
ފުށް – 114،621 މެޓްރިކް ޓަނު
ހަކުރު – 67،719 މެޓްރިކް ޓަނު
މުގު – 350 މެޓްރިކް ޓަނު
އެކްސްޕޯޓްކުރާ ތަކެތީގެ ކޯޓާ އިތުރުކުރަން ނިންމިއިރު، ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑު އިންޑިއަން ރުޕީސް (69 މިލިއަން ޑޮލަރު) ރާއްޖެއަށް ދިނުމަށް އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.



