ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރާނެ މަޝްރޫޢުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓުގައި ވާހަަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ބިންހިއްކުމާއި އެފަދަ ތަރައްޤީގެ މަޝްރޫޢުތައް މިހާތަނަށް ހިންގާފައިވާއިރު، ރަށުގައި ޤުދުރަތީ ގޮތުން އުފެދިފައިވާ މޫދާއި ގޮނޑުދޮަށަށް ބަދަލު އައިސް، ރަށުގެ ރައްޔިތުންނަށް އެ ކަންކަން ގެއްލިފައިވާކަމުގެ ޝަކުވާ، ރައްޔިތުން، ޚާއްޞަކޮށް އިސްރަށްވެހިން ކުރައްވާފައިވާ ކަމަށެވެ.
”އެހެންކަމުން ސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މޫދަށް އެރުމަށް ޚާއްޞަކުރެވޭ ސަރަހައްދުތަކެއް ހިމަނައިގެން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ވަށާޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ޚާއްޞަ އިސްކަމެއް ސަރުކާރުން ދެއްވާނޭ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާކުތައް އެޅުމުގެ އިތުރުން، މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެކަން ހާމަކުރައްވާ ރައީސް ވިދާޅުވީ، ސަލްޓަން ޕާކު މަރާމާތުކޮށް، އިތުރަށް ތަރައްޤީކޮށް، އެ ޕާކަކީ ”އެޑްވެންޗެރަސް“ އަދި އާންމުންނަށް ފަސޭހައިން ހަރަކާތްތެރިވެ އުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ.



