ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ”ހޮޅުދޫ ބޯޓް“ ގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ވެގެން ގޮސްފައިވަނީ އެންމެންގެ ހިތްތަކަށް ވެސް ނުތަނަސްކަމާއި ހާސްކަން ގެނުވާފާއިވާ ހާދިސާއަކަށެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އެ ބޯޓުގައި އަލިފާން ރޯވެ، ރޭ ދަންވަރު ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތް ކުރެވިއެވެ. ސަލާމަތް ނުކުރެވި، ވީނުވީއެއް ނޭނގި ގެއްލިފައިވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ޝަރީފެވެ.
މުޝްފިޤް އެ ބޯޓުގައި ދަތުރުކުރީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއެކުގައެވެ. ދަތުރުކުރަމުން ދަނިކޮށް، ޖެނެރޭޓަރަށް ދިމާވި މައްސަލައަކާއެކު ބޯޓުގައި އަލިފާން ހިފީއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ބޯޓުގައި ވަނީ އަލިފާން ރޯވެފައެވެ.
އެވަގުތު ބޯޓުގައި ދަތުރުކުރަމުންދިޔަ މީހުން ލައިފްޖެކެޓު އަޅައިގެން ކަނޑަށް ފުންމާލަމުން ދިޔައެވެ. މުޝްފިޤްގެ ކޮއްކޮއާ ހަވާލާދީ ބައެއް މީހުން ބުނެފައިވާ ގޮތުގައި، އޭނާގެ ކޮއްކޮ މުޝްފިޤްގެ އަތަށް ވެސް ލައިފްޖެކެޓެއް ދިނެވެ. އަދި ދެބެން އެކީގައި ކަނޑަށް ފުންމާލަން އުޅެނިކޮށް، ފަހަތުން އައި އެހެން މީހަކު މުޝްފިޤްގެ އަތުން ލައިފްޖެކެޓު ޖަހައިގަނެގެން ދިޔަ ކަމަށް ވެސް އޭނާގެ ކޮއްކޮއާ ހަވާލާދީ ބައެއް މީހުން ބުނެފައިވެއެވެ.
ކޮއްކޮއަށް ފަތަން އެނގޭތީ، ކޮއްކޮގެ އަތުގައި ހިފައިގެން ދެބެންވެސް ކަނޑަށް ފުންމާލިއެވެ. އަދި ފުންމާލިއިރު ދެބެން އެކީގައި އަޑިއަށް ދިޔަކަމަށް މުޝްފިޤްގެ ކޮއްކޮއާ ހަވާލާދީ މާވަށުގެ ބައެއް މީހުން ވަނީ ބުނެފައެވެ.
ކޮއްކޮގެ އަތުގައި ހިފައިގެން މުޝްފިޤްވެސް މައްޗަށް އެރިކަމަށާއި ނަމަވެސް އޮއެ ހުރިގޮތުން ބޯޓުވެސް އެމީހުންނާ ދިމާލަށް އަންނާތީ، ބޯޓާ ދުރަށް ފެތުމަށް މަސައްކަތް ކުރި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް މުޝްފިޤަށް ރަނގަޅަށް ފަތަން ނޭނގުމާއި، މުޝްފިޤްގެ އަތުގައި ލައިފްޖެކެޓެއްވެސް ނެތުމާއި އޭނާގެ ކޮއްކޮ ގައިގައި ހިފަހައްޓަމުން ދިޔުމުން، އެއް އަތުން މުޝްފިޤްގެ ގައިގައި ހިފަހައްޓައިގެން ހަލުވިކަމާއެކު ފެތުންވީ އޭނާގެ ކޮއްކޮއަށް ވެސް ދަތިކަމަކަށެވެ.
މުޝްފިޤްގެ ކޮއްކޮއާ ހަވާލާދީ ބައެއް މީހުން ބުނިގޮތުގައި ބޯޓު އެމީހުންނާ ކައިރިވުމުން މުޝްފިޤްގެ ކޮއްކޮވަނީ ފައި އަޅާފައި ބޯޓު އެމީހުންނާ ދުރަށް ކޮއްޕާލާފައެވެ. ނަމަވެސް އެ ހިނދުކޮޅު ވެގެންދިޔައީ ދެން ކުރިމަތިވީ ހިތްދަތިކަމަށް ހުޅުވުނު ދޮރަކަށެވެ. ބޯޓު ދުރަށް ޖައްސަން އުޅުމުގެ ތެރޭގައި ކޮއްކޮގެ އަތުން މުޝްފިޤް ދޫވެ، އޭނާ އެހިސާބުން ވަނީ ގެއްލިފައެވެ.
މުޝްފިޤު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ޑްރޯން ބޭނުންކޮށްގެން އަދިވެސް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް އަދި ފެނިފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
މި ހިތާމަވެރި ހާދިސާގައި މުޝްފިޤް ގެއްލިފައިވުމުން، އެކަމުގެ ހިތާމަ މާވަށު އެންމެންވެސް ކުރެއެވެ. ސަބަބަކީ، މުޝްފިޤަކީ، އެރަށުގައި ލާމަސީލު ޒުވާނެއް ކަމެވެ. އެރަށު މީހުން އޭނާ ސިފަކޮށްފައިވަނީ ”ޖަވާހިރެއް“ ގެ ގޮތުގައެވެ. އޭނާއަކީ ދީނީ ކަންތައްތަކަށް ހޭލުންތެރި، މިސްކިތުގައި އިމާމުވެ ނަމާދުކުރާ ޞާލިހު އަދި އެންމެންނާވެސް ގުޅޭ ޒުވާނެއްކަން އެރަށު އެންްމެންވެސް ފާހަގަ ކުރެއެވެ.
ހެޔޮހާލުގައި ވީހާވެސް އަވަހަށް މުޝްފިޤް ފެނުން އެދި މާތް ﷲ ޙަޟްރަތަށް ދުޢާ ކުރަމެވެ.




