މާތް الله ޢިލްމުވެރީންނަށް ޚާއްޞަކަމެއް ދެއްވައިފައިވާ ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.
”ޢިލްމު އުނގެނުމުގެ މާތްކަން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންން ކަމަށެވެ.
ހުތުބާގައި ބުނީ، ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާޠިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދައިފާނެ ކަމަށާއި، އެހެނެއްކަމަކު ޢިލްމު ވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އަދި އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނިގޮތުގައި މާތްﷲ ޢިލްމުވެރިންގެ މަތިވެރިކަން ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. އީމާންވެ، ޢިލްމު ލިބިގެންވާ މީހުން އެކަލާނގެ ދަރަޖަތަކަކަށް އުފުއްލަވާނެކަމަށާއި، ޢިލްމުވެރިން އެކަލާނގެ ވަޙްދާނިއްޔަތުގެ މައްޗަށް ހެކިވާ ބައެއްގެ ގޮތުގައި ލައްވާފައިވެއެވެ.
”ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމެވެ. އަދި ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ.“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނިގޮތުގައި ޢިލްމުވެރިޔާގެ މަތިވެރިކަން ވަރަށް ބޮޑެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިންނެވެ. އެއީ ޢިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާތީއެވެ.
ހުތުބާގައި އިތުރަށް ބުނީ ޢިލްމު އުނގެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ ތިމާއަށާއި އެހެން މީހުންނަށް ފައިދާކުރާނެ ކަމަކަށްވާތީ ކަމަށެވެ.
އަދި އިލްމު ލިބިގަތުމަކީ މަރުވުމަށްފަހުގައިވެސް އޭގެ ފައިދާ ލިބޭ ކަމެއް ކަމަށާއި، އެއް ހާސް އަޅުވެރިންނަށްވުރެ އެންމެ ފަޤީހެއްގެ ބާރު ޝައިޠާނާގެ މައްޗަށް ގަދަވެގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.



