ރަމަޟާން މަހުގެ ފަހު ދިހައަކުން ފެށިގެން ޢަިދު ބަންދާއެކު، މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވުނު ނަމަވެސް ދިރާސީ އައު އަހަރު ފެށެނީ މި މަހުގެ 7 ވާ ހޯމަ ދުވަހުއެވެ.
ސަރުކާރު އޮފީސްތަކަށް ބޮޑު ބަންދަކަށްފަހު، މާދަމާ އޮފީސްތައް ރަސްމީކޮށް ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ މީގެކުރިންވެސް އިއުލާނު ކޮށްފައެވެ.
ނިމިދިޔަ ދިރާސީ އަހަރު ނިމި، ސްކޫލުތައް ބަންދުވެފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ހޯމަ ދުވަހުފެށި، ސްކޫލްތަކުގެ ކިޔެވުން އެދުވަހު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އާންމުކޮށް ސްކޫލު ޗުއްޓީއަށްފަހު ކިޔެވުން ފެށެނީ އާދީއްތަ ދުވަހެއްގައެވެ. ނަމަވެސް މިފަހަރު، ސްކޫލުތަކަށް މިއަދު ޓީޗަރުން ހާޒިރުވުމަށްފަހު ކިޔެވުން ފެށުމަށް ނިންމާފައިވަނީ ހޯމަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރަސީ އައު އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ސްކޫލު ތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގައެވެ. ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު 28 ގައެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.




