ބޭރު ޤައުމުތަކުގައި މަތީ ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނަށް އާންމުކޮށް ދިމާވަމުން އަންނަ ފައިސާ ޖަމާކުރުން ލަސްވުމުގެ ދަތިކަމާއި އެހެނިހެން ކަންބޮޑުވުންތައް ވެސް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުފިލުވާ، އެކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާވެސް ކުރައްވާފައެވެ. ރައީސް އޮފީހުން ރޭގައި ވަނީ އެ ބައްދަލުކުރެއްވުމުގެ ވީޑިއޯއެއް އާންމުކުރައްވާފައެވެ.
ރައީސް މުޢިއްޒު އެ ބައްދަލުވުމުގައި ވިދާޅުވީ، ސްކޮލާޝީޕް އަދި ލޯނުގައި ކިޔަވާ ދަރިވަރުންގެ ފައިސާ ޖަމާކުރުމާއި ދެންވެސް ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އަދިވެސް ބައެއްކަންކަން ހައްލު ކުރަން އެބަހުރިކަމަށެވެ.
”އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެއި ސްޓައިޕެންޑް ކަމުގައިވިޔަސް، ޓިއުޝަން ފީ ކަމުގައިވިޔަސް ދޫކުރަމުން ގެންދާނެ. ސަރުކާރުގެ ނިޒާމުތެރޭގައި ހުންނަ އިންއެފިޝިއެންސީތައް ހައްލުކޮށްދޭނަން“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ސްކޮލާޝިޕާއި ލޯނު އަދި އަމިއްލަ ހަރަދުގައި ވެސް ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ ހުރި މައްސަލަތައްވެސް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އިނގިރޭސިވިލާތު ހިމެނޭހެން، ބޭރު ޤައުމުތަކުގައި ކިޔަވަން ތިބޭއިރު ދިމާވާ އެކި ކަހަލަ ދަތިތަކުގައި ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމަކަށް އިސްކަން ދީގެން ކޮށްދެއްވާނެ ކަމަށާއި ކޮންމެ ގައުމެއްގައި ކިޔެވިޔަސް އެ ގައުމެއްގައި ދިވެހި ކިޔަވާ ކުއްޖަކަށް ސަމާލުކަމާއި އިސްކަން ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.




