އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވާފައިއެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗުގައި ވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.
ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ފުޓްބޯލް ފޮރ ޕީސްގެ އޮފިޝަލުންނާ ބައްދަލުކުރެއްވިއެވެ. އަދި ޔުނިވަރސިޓީ އޮފް ލީޑްސްއަށް ކުރެއްވި ޒިޔާރަތުގައި، އެ ޔުނިވަރސިޓީގެ އިސްވެރިންނާއި، ލީޑްސް ސެންޓްރަލް އެންޑް ހެޑިންގްލީގެ މަޖިލީސް މެންބަރާވެސް ބައްދަލުކުރެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ލޯރޑް މޭޔަރ އޮފް ލީޑްސްއާއި، ވެސްޓް ޔޯކްޝަޔާގެ މޭޔަރާވެސް ބައްދަލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ލަންޑަންގެ ނަމްބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމް.އެސް.އޭ-ޔޫކޭ)ގެ ތަނެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.




