މިވަގުތު ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ގޮތުގައި މިވަގުތު ރާއްޖެއަށާއި، އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމުގައެވެ.
މިކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.
ރައީސް ނަޝީދަކީ އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާވެސް ވަރަށް ގާތް ގުޅުމެއް ކުރިން އޮތް ބޭފުޅެކެވެ.
ނަމަވެސް ފަހުން އެ ގުޅުން ހީނަރުވެ، ރައީސް ނަޝީދު ވަނީ 2023 ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއްވެސް އުފައްދަވާފައެވެ. އަދި އެ ޕާޓީގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ، އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވެސް ޕޯޑިއަމްގައި އަޑުހަރުކޮށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރައީސް ނަޝީދާއެކު އެއިރު އެމްޑީޕީގެ ބައެއް އިސްވެރިންވެސް ވަނީ އެ ޕާޓީން ދޫކުރައްވާ، ޑިމޮކްރެެޓްސްއަށް ވަޑައިގެންފައެވެ.
އެމްޑީޕީގެ ބައެއް ސަޕޯޓަރުން ޤަބޫލުކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޞާލިޙަށް ކާމިޔާބު ނުކުރެއްވުނީ، ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ސަބަބުންނެވެ.
ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު، ޑިމޮކްރެޓްސްގެ ބައެއް އިސްވެރިންވަނީ، އެ ޕާޓީން ވަކިވެވަޑައިގެން އެނބުރި އެމްޑީޕީއަށް ވަޑައިގެންފައެވެ. އޭގެތެރޭގައި ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފާއި ދަ ޑިމޮކްރެޓްސްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވައެވެ.




