މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ހުޅުވާލާފައިވަނީ ޖިންސީގޯނާގެ ތުހުމަތުތަކަކާ ގުޅިގެން މައްސަލަ ބަލަމުން އަންނަނިކޮށް އެ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުން މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 15 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ.
އެގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.



