ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ދިފާއުގައި 28 ހެއްކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަހަޅައިފިއެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ދިފާއުގައި 28 ހެއްކެއް ހުށަހަޅާފައިވަނީ އޭނާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
މި ހެކިތަށް ހުށަހަޅާފައިވަނީ ޖޭއެސްސީން ހިންގި ތަހުގީގުގެ ފުރަތަމަ ރިޕޯޓަށް އަޒްމިރަލްދާގެ ފަރާތްޕުޅުން ފޮނުއްވި ޖަވާބުގައެވެ.
މިކަމާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ޤާނޫނީ ވަކީލު އަލްއުސްތާޛް އިބްރާމިލް ޝަމީލް މީޑިއާތަކަށް ފޮނުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، އަޒްމިރަލްދާގެ ފަރާތްޕުޅުން ޖޭއެސްސީއަަށް 17 ކިތާބީ ހެއްކާއި، 11 ޝަފައީ (ހެކިވެރިންގެ ގޮތުގައި) ހެކި އަދި 11 ހެކިވެރިންގެ ހެކިބަސް ޖޭއެސްސީން ނެގުމަށް އެކޮމިޝަނަށް ހުށަހަޅާފައިވެއެވެ.
އަދި އަޒްމިރަލްދާގެ މައްޗަށް އުފުލާފައިމިވާ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިލައްވާފައިވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ.
ފަނޑިޔާރު ފޮނުއްވި ޖަވާބުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންކަމަކީ:
° މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމީ، ކޮމިޝަނުގެ އިސްނެގުމަށް މައްސަލަތައް ބެލުމަށް އޮންނަ އިޖުރާއަތާ ހިލާފަށް
° ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް
° ޖަވާބުދާރީވުމަށާއި ދިފާއުވުމަށް ކޮމިޝަނުން ހުރަސްއަޅާފައިވޭ
° ތަހުގީގު ކޮމިޓީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ނިންމީ ގާނޫނީ ހަމައެއް ނެތި
° ތަހުގީގު ނިންމުމަށް ފަހު ފޮނުވި ފުރަތަމަ ރިޕޯޓްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނާފައިވޭ
މި މައްސަލައާ ގުޅޭގޮތުން ހިންގަމުންދާ ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ ފަނޑިޔާރު ފޮނުއްވާ ޖަވާބަށް ފަހު ކޮމިޝަނުން ބާއްވަން ފެންނަ އަޑުއެހުންތަކަށް ފަހުގަ އެވެ. އެ ގޮތުން ފަހު އަޑުއެހުމުގެ ގޮތުގައި އެއް އަޑުއެހުން ބޭއްވުން ލާޒިމެވެ.



