މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ”އޮޅު ހިޔާ“ ގައި މިހާރު ބަލަހައްޓަމުން ދަނީ 30 ބުޅާ ކަމުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ޚަރަދުގައި ގާއިމުކޮށް، އެތަނަށް ބުޅާތައް ގެންދަން ތައްޔާރުވެފައި ވަނިކޮށް، މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ ކަމަށް ބުނެ، އެ މިނިސްޓްރީން ވަނީ ”އޮޅު ހިޔާ“ އާ ހަވާލުވެފައެވެ. ނަމަވެސް، ސިޓީ ކައުންސިލުން މިނިސްޓްރީއާ ފެސިލިޓީ ހަވާލުކުރަން ނިންމީ އެތަނަށް ކުރި ޚަރަދު ހޯދާ ގޮތަށެވެ.
އެ މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އޮޅުހިޔާއާ ހަވާލުވުމަށްފަހު އެތަނުގެ ބަލުމުގެ ދަށަށް 15 ބުޅާ ވަނީ ގެންގޮސްފައެވެ. އޭގެފަހުން އެ މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފެސިލިޓީގައި މިހާރު 30 ބުޅާ ބަލަހައްޓަމުންދާ ކަމަށެވެ.
މީގެއިތުރުން އެ ފެސިލިޓީގައި ކުރިން ހަރުކޮށްފައިހުރި ދާގަނޑު ތެރެއިން ކުދި ބުޅާތަކަށް ނިކުމެވޭތީ، މިހާރު އެކަން ރަނގަޅުކޮށް އެ ދާގަނޑުމަތިން އިތުރު ދާގަނޑެއް ޖަހާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.



