މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު، ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
ޝަމްޢާންއާއި އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅޭގޮތުން ފުލުހުން ބަލަމުން ގެންދަނީ ނަހަމަ ގޮތުގައި ބިދޭސީންތަކެއްގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައެކެވެ.
މި މައްސަލައިގައި މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހު ޝަމްޢާން ހައްޔަރުކޮށް، 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.
ފުލުހުން މިއަދު ބުނީ ޝަމްޢާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
ޝަމްޢާންއާ ގުޅޭގޮތުން މިދިޔަ މަހު 29ގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މާރިޗް 12 ވަނަ ދުވަހު ބިދޭސީންގެ ހަތް މީހަކު ޑިޓެއިންކޮށް އިމިގްރޭޝަންއިން ރެއިޑް ހިންގީ އެކަމާ ނުވެސް ގުޅޭ އިމިގްރޭޝަންގެ ޑިޕާޓްމެންޓެއްގެ ތިން މުވައްޒަފެއް ކަމަށެވެ.
އެ ބިދޭސީންނަކީ ގަވައިދާ އެއް ގޮތަށް ވެސް އުޅެމުންދިޔަ ބަޔަކަށްވާއިރު އޭގެ ތެރެއިން އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުން ކަމަށް ބުނެފައިވެއެވެ.
އަދި ފައިސާ ފެނުނު މީހާ ދޫކޮށްލީ ޝަމްޢާން އަންގައިގެން ކަމަށް ފުލުހުން ބުނާއިރު އޭނާގެ އަތުން ފެނުނު ފައިސާ ވެސް ފަހުން އެ ބިދޭސީ މީހާއަށް އަނބުރާ ދިންކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަަށް ފާހަގަކޮށްފައިވާ ކަންކަން:
° ބިދޭސީ މީހާ ދޫކޮށްލުމުން އޭނާ އެންމެ ފުރަތަމަ ދިޔައީ ހަވާލުވި ސްޕޮންސަރާއެކު ސައިކަލުގައި. ނަމަވެސް ވަކި ހިސާބަކުން އިމިގްރޭޝަންގެ އޮފިސަރަކާއެކު އެ އިދާރަގެ ވެހިކަލަށް އެރި
° މާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ ވެހިކަލް ދުއްވުމަށް ފަހު ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ގެންގޮސްދިން
° އިމިގްރޭޝަންގެ އޮފިސަރަކު އެ އިދާރާގެ ވެހިކަލުން ފައިސާކޮތަޅު ނަގައި ސައިކަލެއްގައި ގޮސް ޝަމްއާންގެ ގެއަށްދިޔަ
° ސީސީޓީވީ ފުޓޭޖުން ފެންނަގޮތުން އިމިގްޜޭޝަން އޮފިސަރު ޝަމްއާންގެ ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައިވޭ
ފުލުހުން ބުނީ އެ މައްސަަލައިގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެއްކޮށް ގިނަ ބަޔަކާ ސުވާލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.



