ދަރީންނަށް ތަޢުލީމު ދިނުމަކީ، ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓެއް ކަމަށާއި އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދިރާސީ އައު އަހަރު މިއަދު ފެށުމާ ގުޅިގެން އެމަނިކުފާނު ނެރުއްވި ޚިޠާބުގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ކިޔަވާ ކުދީންނަށާއި، ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުދައްރިސުންނަށާއި، ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ މާތްﷲގެ މޫރިތި ކަލާމްފުޅު، ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ބަސްފުޅަކީވެސް ”އިޤްރައު“ (ކިޔަވާށޭ) ކަމުގައެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ކީރިތި މާތް ނަބިއްޔާއަށް ފުރަތަމަ ބާވައިލެއްވުނު ވަޙީގެ 5 އާޔަތުންވެސް ކަށަވަރުކޮށްދެނީ އުނގެނުމުގެ މުހިންމުކަމާއި، ޢިލްމުގެ ޒަރީޢާއިން އިންސާނާއަށް ދެއްވި ކުރިއެރުމާއި މަތިވެރި ދަރަޖަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން މި ދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ، ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދަރީންނަށް އާރުލާ ތަޢުލީމެއް ދެވޭނީ، މުޅި މުޖުތަމަޢުގެ ބައިވެރިވުން އެކަމުގައި އޮވެގެން ކަމަށާއި ކުދީންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އެންމެންވެސް ދައްކައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



