ގާތްގަނޑަކަށް 90،000 އެއްހާ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ހެނދުނު ފެށިއްޖެއެވެ.
ނިމިދިޔަ ދިޔާސީ އަހަރުގެ ކިޔެވުން ނިންމާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އޭގެފަހުން މުޅި ރަމަޟާންމަހާ އެއްކޮށް 40 ދުވަހުގެ ބޮޑު ޗުއްޓީއަކަށްފަހު، މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން އަލުން ވަނީ ފަށާފައެވެ.
އާންމުކޮށް ސްކޫލުތަކުގެ ކިޔެވުން އާދީއްތަ ދުވަހެއްގައި އަލުން ފެށުނު ނަމަވެސް، ރަމަޟާން މަސް ނިމި، ހަ ރޯދައިގެ ދުވަސްތައް ވެސް ނިމުމާއެކު މިފަހަރު ދިރާސީ އައު އަހަރު ފަށާފައިވަނީ ހޯމަ ދުވަހެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އައު އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގައެވެ. ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު 28 ގައެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.



