ގދ. ހޯނޑެއްދޫގެ އިހުތިސާސްގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމާ ގުޅިގެން، އެކަން ކުށްވެރިކުރާ ކަމަށާއި، އެރަށް އަނބުރާ ހޯނޑެއްދޫއަށް ދޭން ކައުންސިލުން އެދިއްޖެއެވެ.
ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ގދ. ހޯނޑެއްދޫގެ އިޚްތިސާސުން އެރަށް ވަކިކޮށް ހޯނޑެއްދޫގެ އިޚްތިސާސަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ނިންމަވާފައެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު ނެރުއްވި، ނަންބަރު 10/2025 ވަނަ ޤަރާރުންނެވެ.
މިފަދައިން ކަނޑައެޅުއްވީ ޓޫރިޒަމްގެ އެ މަޝްރޫއު ސީދާ ސަރުކާރުން ހިންގާ ގޮތަށް ހަމަޖެއްސުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމާ ދެކޮޅުހަދައި ހޯނޑެއްދޫ ކައުންސިލުން ވަނީ ނޫސް ބަޔާނެއް ގެޒެޓު ކޮށްފައެވެ.
އޭގައި އެ ކައުންސިލުން ބުނެފައިވަނީ ހުވަދު އަތޮޅުގައި ޓުއަރިސްޓް އެނދު އެންމެ ގިނަ އެއް ރަށް ކަމުގައިވާ ހޯނޑެއްދޫގެ އިހުތިސާސްގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށާއި މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.




