ޓީޗަރުން ނުލިބޭ ރަށްތަކުން އޮންލައިންކޮށް ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސާދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ރޭގައި ގެެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަފީއު ވިދާޅުވީ ޓީޗަރުން ހޯދުމުގައި ދަތިކަން އުޅެނީ މާލެއަށް ވުރެ އަތޮޅުތެރޭގެ ރަށްތަކުގައި ކަމަށެވެ.
އެގޮތުން ގދ. އަތޮޅުގެ ރަށަކަށް ދިވެހި ޓީޗަރަކު ހޯދުމަށް އެތައް ފަހަރަކު އިއުލާނު ކޮށްގެންވެސް ޓީޗަރަކު ލިބިފައިނުވާކަމަށާއި މެދުރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއްގެ ސްކޫލަކަށް އިސްލާމް ޓީޗަރަކު ހޯދުމަށް ނުވަ ފަހަރު އިއުލާނު ކުރުމުން ވެސް ޓީޗަރަކު ލިބިފައިނުވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މާލޭގެ ސްކޫލަކަަށް ޓީޗަރަކު ބޭނުންވެގެން އިއުލާނު ކޮށްފިނަމަ ބޭނުންވާ އަދަދަށްވުރެ ގިނައިންވެސް ޓީޗަރުން ލިބޭކަމަށް މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.
”ޓީޗަރަކު ނުލިބިގެން ވިޔަސް، އޮންލައިންކޮށް އަޅުގަނޑުމެން މިހާރު ކިޔަވައިދެމުން ދަނީ. އެޑިއުކޭޝަންް މިނިސްޓްރީގައި ގޮން ޖެހުންތަކެއް ހުރި ނަމަވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ކަށަަވަރުކުރަމުންދާ އެއް ކަމަކީ ތައުލީމާ ބެހޭ ގާނޫނާއި ކުޑަކުދިންނާ ބެހޭ ގާނޫނުން ލިބިދީފައިވާ އުނގެނުމުގެ ހައްގު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށް ދޭނަން“ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ޓީޗަރުންގެ ދަތިކަން ބައެއް ރަށްރަށަށް ކުރިމަތިވެފައި އޮތް ނަމަވެސް މިއަދު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ވަނީ ފަށާފައެވެ.




