ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރައްވާފައިވާ ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް، އެސްއޯއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ރައީސްކަމުގެ މަގާމަށް، މުޙައްމަދު އަނަސް، ރައީސް އައްޔަނު ކުރެއްވީ މިދިޔަ މާރިޗު މަހުގެ 13ވަނަ ދުވަހުއެވެ.
ޕީސީބީއަށް އައު ރައީސަކު އައްޔަނު ކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް މިދިޔަ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު އެ މަގާމު ވަކިކުރެއްވުމާ ގުޅިގެންނެވެ.
އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ހިމެނެއެވެ.



