18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީ.އެމް.އެސް) ޤާއިމުކުރުން ނިންމައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓް ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް) އާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ޤާއިމްކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ޤާއިމުކުރާ ސިސްޓަމްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
ހދ. ހަނިމާދޫގައި 2000 ކިލޯވޮޓް އަވަރ
ށ. މިލަންދޫގައި 2500 ކިލޯވޮޓް އަވަރ
ނ. ހޮޅުދޫގައި 1500 ކިލޯވޮޓް އަވަރ
ނ. މަނަދޫގައި 3000 ކިލޯވޮޓް އަވަރ
ނ. ވެލިދޫގައި 3000 ކިލޯވޮޓް އަވަރ
ރ. އަލިފުށިގައި 2000 ކިލޯވޮޓް އަވަރ
ރ. ހުޅުދުއްފާރުގައި 1500 ކިލޯވޮޓް އަވަރ
ބ. ދަރަވަންދޫގައި 2500ކިލޯވޮޓް އަވަރ
ބ. ތުޅާދޫގައި 3000 ކިލޯވޮޓް އަވަރ
މ. މުލަކުގައި 2000 ކިލޯވޮޓް އަވަރ
މ. މުލީގައި 2000 ކިލޯވޮޓް އަވަރ
މ. ވޭވަށުގައި 500 ކިލޯވޮޓް އަވަރ
މ. ރަތްމަންދޫގައި 500 ކިލޯވޮޓް އަވަރ
ތ. ގުރައިދޫގައި 2500 ކިލޯވޮޓް އަވަރ
ތ. ތިމަރަފުށީގައި 3000 ކިލޯވޮޓް އަވަރ
ގއ. މާމެންދޫގައި 1000 ކިލޯވޮޓް އަވަރ
ގދ. ފަރެސްމާތޮޑާގައި 3000 ކިލޯވޮޓް އަވަރ
ގދ. ގައްދޫގައި 2500 ކިލޯވޮޓް އަވަރ
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވާނެ ކަމަށެވެ.
އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެ މިނިސްޓްރީން ބުނީ މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށެވެ.


